ކ. މާލެ
|
19 އޭޕްރިލް 2025 | ހޮނިހިރު 11:23
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރާއި ގައުމުގެ އިޤްތިޞާދުގެ ހާލަތު
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރާއި ގައުމުގެ އިޤްތިޞާދުގެ ހާލަތު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
މި ސަރުކާރުގެ ޕްލޭނެއް ނެތް, ދޯހަޅި ނިންމުންތަކުގެ ސަބަބުން ގައުމުގެ އިގްތިޞާދު ފުނޑެނީ!
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަނީ މިދިޔަ ފެބްރުއަރީ މަސް ނިމުނުއިރު ލިބުނު ޖުމްލަ އާމްދަނީ ވަނީ 2024ވަނަ އަހަރުގެ ފެބްރުއަރީގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު 480 މިލިއަން ރުފިޔާ މަދުވެފައި

މީގެ ހަޔަކަ މަސް ދުވަސް ކުރިއަށް ޖެހިލަމާތޯއެވެ. މި އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގެ ދުވަސްވަރު އެންމެ ބޮޑަށް އަދި އެންމެ އަޑުގަދަކޮށް އިވުނީ އިގްތިޞާދީ ގޮތުން ރާއްޖޭގެ ހާލަތު ބިރުވެރި ފައްތަރަކަށް ވެއްޓިފައިވާ ކަމުގެ ވާހަކަތަކެވެ.

ބުނަމުން ދިއައީ ރާއްޖޭގެ އިގްތިޞާދު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމާއި، ހަމަ އެއްވެސް ކަމެއް ކުރެވެން އޮތީ އިގްތިޞާދަށް ނޭދެވޭ އަސަރެއްކޮށްފާނެ ކަންކަން އިސްލާހުކޮށްގެން ކަމަށެވެ.

އާންމުންގެ ނުރުހުމާއި، ފާޑުކިޔުމާއެކު ބަޖެޓު ފާސްވެ، މާ ގިނަ ދުވަހެއް ނުވެ ނުތަނަވަސްކަމުގެ ވާހަކަތައް ހިނދުނެވެ. އިސްލާހީ ފިޔަވަޅުގެ ނަމުގައި ތަންފީޒުކުރަން ފެށި ދެތިންކަމެއްގެ މަތިން ރައްޔިތުންގެ ޝަކުވާގެ އަޑު ވެސް މަޑުވިއެވެ.

އެކަމަކު އަނެއްކާ ވެސް ޖޯކަކަށް ވެފައި މިވަނީ އިސްލާހުކުރަން އެޅި ފިޔަވަޅުތައް އަނބުރައި ގެންގޮސް އިހު އޮތް ގޮތަށް ކަންކަން ބައްޓަން ކުރުމެވެ. އިސްރާފުގެ މަގަށް ކަންކަން ތަރުތީބުވެފައިވާ ތަން ފެނުމުންނެވެ. އެގޮތުން ސަރުކާރުގެ ނިންމުންތަކުގައި އިގްތިސާދީ އެއްވެސް ޕްލޭނެއް ނެތްކަން ހާމަވާ އެންމެ ފުރަތަމަ ކަމަކީ އެންސްޕާ އަދި އާސަންދައިގެ ނިޒާމެވެ.

މީގެ ކުރިން މި ސަރުކާރުން މެދު ނުކެނޑި އެންމެ އަޑުގަދަކޮށް ދައްކަމުން ގެންދިއަ އެއްވާހަކަ އަކީ އާސަންދައިން ކުރާ އިސްރާފުގެ ބޮޑުކަމާއި އެ ނިޒާމު ހަރުދަނާ ކުރަންޖެހޭކަމުގެ ވާހަކަތަކެވެ. އެންސްޕާއާއި އާސަންދައިގެ އިސްވެރިންނާއި، ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ އިސްވެރިން ހިމެނޭހެން ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި ވެސް އެ ދުވަސްވަރު ދެކެވުނީ އާސަންދަ ކޮންމެހެން ވެސް ހަމަ މަގަށް އަޅުވަން ޖެހޭ ވާހަކައެވެ.

ޕްރައިވެޓް އިންޝުއަރެންސާއި އަމިއްލަ އޮފިސްތަކުން ދޭ އިންޝުއަރެންސާއި ސިފައިންނާއި ފުލުހުންގެ މެޑިކަލް ސްކީމްތަކުގައި ތިބި މީހުންނަށް އާސަންދަ ލިބޭނެ ގޮތް އިސްލާހުކޮށް ޚަރަދުކުޑަކުރާ ކަމުގެ ވަހަކައެވެ.

އެ ކަމުގައި ކޮންމެވެސް ސިފައަކުން އަމަލީ ސިފަ ޖައްސައި، މި ފަސް މަހެއްހައި ދުވަހު ޕްރައިވެޓް އިންޝުއަރެންސް އޮތް މީހުންނަށް، އެ އިންޝުއަރެންސް ކަވަރުކުރާ ކަންކަމުގައި އާސަންދަ ނުދެއެވެ. އިސްރާފު ކުޑަކުރުމުގެ ނަމުގައެވެ. ގައުމުގެ އިޤްތިސާދު ހަމައަކަށް އެޅުވުމުގެ މަޤުސަދުގައެވެ،

ކުއްލިއަކަށް އެއްވެސް ބަޔަކަށް އެނގުމެއް ނެތި މި ބޮޑު ނިންމުން އާސަންދައިން ބަދަލުކުރީ އެއްވެސް ސަބަބެއް ނުދައްކައި ބޮޑު އޮޅުވާލުމެއްގެ ތެރެއިންނެވެ. އާސަންދަ އިސްލާހުކުރަން ނިންމި ނިންމުން ބަދަލުވެ އިސްރާފުގެ މާނަ ބަދަލުވީއެވެ. ރައްޔިތުން އަތުން އަތުލާނެ ވަރަކަށް އަތުލާފައި ނިންމުން ބަދަލުކުރީ އެވެ.

އިގްތިޞާދީ ކާރިސާގެ ބިރުވެރިކަމުގެ ވާހަކަ ދެކެވުނު ދުވަސްވަރު، އިތުރު ބޮޑު ކަމަކަށް ތަންފީޒުކުރަން ނިންމި ކަމަކީ ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން ޑަަބަލް ޕެންޝަން ލިބޭ އިދާރާތަކުން، ޖެނުއަރީ އެކަކުން ފެށިގެން އަލަށް ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލުމެވެ. މި ކަމުގެ ބޮޑުކަމާއި މުހިންމުކަމާއި މި ކަން ތަންފީޒުކޮށްފިނަމަ ދައުލަތުގެ މާލިއްޔާއިން ސަލަމާތްވާނެ ފައިސާގެ އަދަދުތައް ބޮޑުވާނެ ކަމަށް ބުނެއެވެ.

ނިމިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު، އެ ނިންމުން ނިންމިއިރު، ޖެހިގެން އައި ދުވަހު ސަރުކާރުން ނިންމީ ކުރިން އޮތްގޮތަށް ޕެންޝަން ނިޒާމު ކުރިއަށް ގެންދާށެވެ. އެއް ރެއިން ދެއްކި ވާހަކަތައް ބަދަލުވީއެވެ. މިއީ ވެސް އިގްތިޞާދީ ނިންމުންތަކުގައި ޕްލޭނެއް ނެތްކަން ހާމަވާ އެއް ނިންމުމެވެ.

މީގެ އިތުރުން ދެން ފާހަގަކޮށްލަން އޮތް ކަމަކީ ރައީސް ޑރ. މުޙައްމަދު މުުއިއްޒުގެ އެންމެ ބޮޑު އެއް ތަސައްވުރު ކަމަށްވާ ރާއްޖޭގައި އިންވެސްޓްމަންޓުތައް އިތުރުކޮށް އިންވެސްޓަރުންގެ ޝައުގު ރާއްޖެއާ ދިމާއަށް ފަހިކުރުވާނެ ޑިވެލޮޕްމަންޓު ބޭންކެއްގެ ޚިދުމަތް ފުރަތަމަ ފަަހަރަށް ފެށުމެވެ.

އެ ކަމަށްޓަަކައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި އިދާރާއެއް އުފައްދަވައި، އެ ތަނަށް ބޭރުގެ ތަޖުރިބާކާރު ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް، މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ ގޮތުގައި ހަަމަޖެއްސިއެވެ.

ނަމަވެސް ތަނުގެ ޚިދުމަތް ރަސްމީކޮށް ނުވެސް ފެށެނީސް މީގެ ދުވަސްކޮޅެެއް ކުރިން އޭނާ ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. މިހާހިސާބުން މިކަމުގައިވެސް ގޯސްތަކެއް އުޅޭކަމަށް ގިނަ ބަޔަކަށް ވަނީ ފާހަގަ ވެފައެވެ.

މިދިޔަ އަަހަރުގެ މޭ މަހު އުފެއްދި ޑިވެލޮޕްމަންޓު ބޭންކަށް، އަހަރެއް ވާން ގާތްވީއިރު ވެސް މަސައްކަތް ނުފެށި އޮތުމަކީ ވެސް އިގްތިޞާދީ ބޮޑެތި ނިންމުންތައް ނިންމައި، ކަންކަން އިއުލާނުކުރާއިރު ޕްލޭނެއް އޮތް ކަމާމެދު ސުވާލު އުފެދޭ ކަންކަމެވެ.

މި ހުރިހާ ނިންމުންތަކަކުން އުފެދޭ ހަގީގީ ސުވާލަކީ މިހާރު އިގްތިޞާދަށް ހަމަ އެއްވެސް ޖެހިކުމެއް، ބިރެއް ނެތީތޯއެވެ. އިކޮނޮމިސްޓް އާތިފް ޝަކޫރު ލިޔުއްވައިފައިވާ ލިޔުއްވުމެއްގައިވާ ގޮތުން އިގްތިޞާދަށް އޮތް ބިރު، މި ފަހުން އިސްތިއުފާ ދެއްވި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދުގެ އިސްތިއުފާގެ ބަޔާނުން އެކަނި ވެސް ހާމަވާން އެބައޮތެވެ.

ސިޔާސީ ޗަރުކޭހުގެ ތެރެއިން އިގްތިޞާދީ ހާލަތަށް މާ ބޮޑު ސަމާލުކަމެއް ނުދެވި އޮތް ނަމަވެސް ހިސާބުތަކުން ވެސް އެ ބިރު ފެންނަން އެބައޮތެވެ. ޚަރަދު ކުޑަކުރުމުގެ ބައެއް ކަންކަން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހިމަނައިފައިވެއެވެ.

އާތިފް ލިޔުއްވައިފައިވާ ގޮތުގައި އެކަން ހިމަނައިފައި އޮތީ އަހަރުގެ ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުން ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް ވިސްނައިގެންނެވެ. ނަމަވެސް މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަނީ މިއާއި މުޅިން ޚިލާފު އެހެން މަންޒަރެކެވެ. މިދިޔަ ފެބްރުއަރީ މަސް ނިމުނުއިރު ލިބުނު ޖުމްލަ އާމްދަނީ ވަނީ 2024ވަނަ އަހަރުގެ ފެބްރުއަރީގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު 480 މިލިއަން ރުފިޔާ މަދުވެފައެވެ.

މީގެ އިތުރުން މި މަހުގެ ހަވަނަ ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީން ނެރުނު ފިސްކަލް އަޕްޑޭޓުގައިވާ ގޮތުން އާމްދަނީ ދަށްވި ނަމަވެސް މުސާރައަށް ކުރި ޚަަރަދުވަނީ 225 މިލިއަން ރުފިޔާ އިތުުރުވެފައެވެ.

އާސަންދަ ރިފޯމްކުރި ނަމަވެސް މިދިޔަ އަހަރަށްވުރެ މި އަހަރު އާސަންދައަށް ކުރި ޚަރަދު ވަނީ އިތުރުވެފައެވެ. މާރޗު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 426.3 މިލިއަން ރުފިޔާ ޚަރަދުކުރިއިރު މިދިޔަ އަހަރު މި މުއްދަތުގައި ޚަރަދުވީ 403.4 މިލިއަން ރުފިޔާއެވެ.

މި ހުރިހާ ކަމާއެކު ކެޕިޓަލް މަޝްރޫއުތަކަށް ކުރި ޚަރަދުވީ ބޮޑުތަނުން ދަށެވެ. ނަތީޖާއަކަށްވީ އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތައް ހިންގަން އިގްތިޞާދުގައި ދައުރުވާނެ ފައިސާ ނެތުމެވެ.

އެގޮތުން ސަރުކާރުން އިސްނަގައިގެން ރައްޔިތުންގެ އެއްވެސް އެދުމެއް ނެތި ދައުލަތުން ބޮޑު ޚަރަދުތަކެއް ކޮށްގެން ރޯދަމަހު ކޮންމެ ގެބިސީއަކަށް މަސްދަޅު ކޭސް ބެހުމާއި، އަމިއްލައަށް އިސްނައިގައިގެން އިތުރު ސަބްސިިޑީތައް ދޭން ހުށަހެޅުން ވެގެން ދިއައީ ގައުމުގެ އިޤްތިސާދަށް އިތުރު ހީނަރުކަމެއް ގެނުވި ކަމަކަށެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުގެ ދެއުޅިއެއް ނުވާ މިފަދަ ސިޔާސީ ޑްރާމާތަކުގެ ސަބަބުން ގައުމުގެ އިޤްތިސާދު ދަނީ އިނދަޖެހި ފުނޑެމުންނެވެ.

- ކޮމެންޓް