ކ. މާލެ
|
19 އޭޕްރިލް 2025 | ހޮނިހިރު 15:43
މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
ރާއްޖެ އެމްވީ
ގައުމު ބަނގުރޫޓްވުން
ރާއްޖޭގައި މިހާރު ހުރި ދަރަނިތައް ނުދައްކައިފިނަމަ ރާއްޖެ އަޅުވެތިވާނެ: ބޮންޑާ
ހަތިޔާރުން ބާރުގަދަވެގެން ދުނިޔޭގެ ބަޔަކަށް ވެރިކަން ކުރެވުނު ނަމަ ރަޝިޔާއަށް އެކަން ކުރެވޭނެ ކަމަށްވެސް ބޮންޑާ ވިދާޅުވި

ސަރުކާރުން މިދަނީ ސީދާ އަޅުވެތިކަމާއި ދިމާލަށް ކަމަށާއި ސޯވިއެޓް ޔޫނިއަންއަށް ވީގޮތަށް ދިވެހިރާއްޖެ މިދަނީ ބަނގުރޫޓްވުމާއި ދިމާލަށް ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ބޮންޑާ މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރާ ކަމަކީ ހުރިހާ ތަނަކަށް ރިޓަރޔަޓް މީހުން އައްޔަން ކުރެއްވުން ކަމަށާއި މިއީ ހަތިޔާރުގެ ވަގު ވިޔަފާރި ހިންގުމަށް ކުރާ ކަމެއް ކަމަށް ތުހުމަތު ކުރަމުން ބޮންޑާ ވިދާޅުވީ މަނަވަރާއި ހަތިޔާރު ގެނެސްގެން، މިގައުމު ބަނގުރޫޓް ވަމުންދާއިރު، މިއީ ހަތިޔާރު ހުރި ބާރު ގަދަ ގައުމަކަށް ނުހެދޭނެ ކަމަށެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ސިއްރުކުރުމުން ދުނިޔޭގެ މާރކެޓްގައި ޓްރޭޑިން ކަނޑައަޅާނީ ކިހިއްނެއްތޯ ސުވާލު އުފައްދަމުން ބޮންޑާ ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަމުންމިދަނީ ގައުމީ ސަލާމުން ފިނިކޮށްފައި، ގައުމިއްޔަތޭ ކިޔުމަށްފަހު ރައްޔިތުންނަށް އޮޅުވާލައި އަންނަ އިންތިހާބަށް ތައްޔާރުވުން ކަމަށެވެ.

އަބަދުވެސް ގައުމިއްޔަތު އިސްކުރުމަށްފަހު މިހާތަނަށް އައިއިރު، އެއްވެސް ކަމެއް ނުކުރާ ކަމަށާއި ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކާ އެ ކޯޓުގެ ޝަރީއަތް ހުއްޓުވި މައްސަލަ އާއި ގުޅިގެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލަ އަށް ޖަވާބުދާރީ ވާން ދިވެހި ސަރުކާރަށް އަންގާފައިވީއިރު، މިއީ ރާއްޖޭގެ ރައްޔިތުން ދުވަހަކުވެސް ކުރި ކަމެއް ނޫން ކަމަށެވެ.

މިއަދު ފަތުރުވެރިކަން ދަށްވެފައިވާއިރު، ގައުމު ބަނގުރޫޓްވެ އަޅުވެތިކޮށް، ބިލިއަން ޑޮލަރުން ދަރަނި ހުރި އިރު އެދަރަނިން ހަތިޔާރު ގަންނަމުންދާ ކަމަށް ބޮންޑާ ވިދާޅުވިއެވެ. ހަތިޔާރުން ބާރުގަދަވެގެން ދުނިޔޭގެ ބަޔަކަށް ވެރިކަން ކުރެވުނު ނަމަ ރަޝިޔާއަށް އެކަން ކުރެވޭނެ ކަމަށްވެސް ބޮންޑާ ވިދާޅުވި އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށް ޓަކައި ވެވަޑައިގެންނެވި ރިޔާސީ އެންމެ ބޮޑު އެއް ވައުދަކީ ރައްޔިތުންގެ ދިރިއުޅުމާއި، ރައްޔިތުންގެ ކުރިއެރުމާއި، ފައިދާވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވެވަޑައިގަތް ވައުދެއެވެ. ވެރިކަމަށް އައުމަށް ޓަކައި އެމަނިކުފާނު ރައްޔިތުންނަށް ބޯހިޔާވަހިކަން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީން ދެއްވި އެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް މި ވައުދު ރައީސް ފުއްދަވަމުން ގެންދަވާތަން ނުފެނެ އެވެ.

މިކަމާއި ގުޅުވައި އިބްރާހީމް ރަޝީދު ވިދާޅުވީ މުޅި ގައުމު ދަރަނިވެރިވެ، ހަނާވަމުން އަންނަ ކަމަށާއި ރައީސް މުއިއްޒު ރައްޔިތުންނަށް ދެއްވަން ވައުދުވެވަދައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދުވެސް އަދި ނުފުއްދަވާ ކަމަށެވެ. އެކަމުގެ ސަބަބުން ގައުމުގެ ރައްޔިތުން ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ކަން ބޮންޑާ ފާހަގަ ކުރެއްވި އެވެ.

- ކޮމެންޓް